ޚަބަރު

ތިނަދޫ އެއާޕޯޓް މަޝްރޫއު ހަވާލު ކުރާނީ އިންވެސްޓަރުގެ ގާބިލުކަން ކަށަވަރުކޮށްފައި: މިނިސްޓްރީ

ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި ސޮއިކުރާނީ އެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލުކަން ކަށަވަރުކުރުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ އެމްއޯޔޫގައި ތައިލެންޑުގެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއު ހެދުމަށް ފައިނޭންސް ކުރާނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ތައިލެންޑުގެ ޕްލޭން ޕެސިފިކް ކުންފުނިން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ތިނަދޫގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ހެދުމުގެ އެމްއޯޔޫއެއްގައި ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ތިނަދުއަށް ވަޑައިގެންނެވެ.

600 މިލިއަން ޑޮލަރުގެ އެ މަޝްރޫއު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޕޭން ޕެސިފިކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒީރާޓް ޕެތްނުންތަވޮންގައެވެ.

ނަމަވެސް ޕޭން ޕެސިފިކް ކުންފުނީގެ ގާބިލުކަމާ މެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ވިޔަފާރި ރަޖިސްޓްރޭޝަނުގައިވާ ގޮތުން އެ ކުންފުނި ހަރަކާތްތެރިވަނީ އަންނައުނު ހޯލްސޭލް ކުރުމުގައެވެ. އެއްބަސްވުމުގައި ސޮއިކުރި ޒިރާޓް އަކީ ކުންފުނީގެ ވެރިއެއް ކަމަށް އެނގޭ މައުލޫމާތެއް ވެސް ފެންނާކަށް ނެތެވެ. އެހެންވެ ގިނަ ބަޔަކު ވަނީ މިފަދަ ބޮޑު މަޝްރޫއެއް އެ ކުންފުންޏާ ހަވާލު ކުރުމުން، އެ ކުންފުނީގެ ގާބިލުކަމާ މެދު ސުވާލު އުފައްދައިފައެވެ.

އެކަމާ ގުޅިގެން އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އެ ކުންފުންޏާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މަޝްރޫއު ކުރިއަށް ގެންދަން އެކުލަވައިލެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ކަމަށެވެ.

"މި މަޝްރޫއުގެ ކޮންޓްރެކްޓަރުގައި ސޮއި ކުރެވޭނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރުކުރުމަށް ފަހު، ބަލަން ޖެހޭ އެންމެހައި ކަންތައްތައް ބަލައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޕޭން ޕެސިފިކް ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ހަތަރު ކިލޯމީޓަރުގެ ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕަސެންޖާ އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ގާއިމް ކުރުމަށް ކަމަށެވެ. އަދި މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި ފްލައިން ސްކޫލެއް ތަރައްގީ ކުރުމަށް ވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.'

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށެވެ. އެ އެއާޕޯޓުގައި ފިއުލް ފާމަކާއި ސީ ޕްލޭން ޓާމިނަލެއްވެސް ތަރައްގީކުރާނެއެވެ.