ޚަބަރު

ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ބެލްޖިއަމް ކުންފުންޏަކާ ހަވާލުކޮށްފި

މުހައްމަދު އިޝާން

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ބެލްޖިއަމްގެ ކުންފުންޏެއް ކަމަށްވާ އެންވީ ބެސިކްސް އެސްއޭ އާ ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދެކުނު އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ވިލިނގިލިއަށް ވަޑައިގެން މިއަދު ވަނީ އެ ރަށު ރައްޔިތުންނާ ބައްދަކުރައްވައިފައެވެ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އެ ބައްދަލުވުމުގެ ތެރެއިންނެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެންވީ ބޭސިކްސް އެސްއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ސާވީ ޑޯލްމަންސް އެވެ.

ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް، ވިލިނގިލި ކައިރީގައި އޮންނަ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދައިދޭނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވިލިނގިލިއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަނީ އެ ރަށުގެ ފަޅުގެ ތެރޭގައި ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެޖްޓުގެ ދަށުންނެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ވިލިނގިލި ފަޅުގައި އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކާ އެކު ހުވަދު އަތޮޅުގައި 10،000 ޓޫރިސްޓު އެނދު ގާއިމު ކޮށްދެއްވާނެ ކަމަށެވެ.