މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން ގއ. ކޫއްޑޫގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައި، ކޫއްޑޫ އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސް ކިރުމަށްފަހު ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސް ވެގެން ކޫއްޑޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓުވާލައި މަސްވެރިން އިހުތިޖާޖު ކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ކޫއްޑޫގައި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖު ހުއްޓާލާފައި މިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރަން ފެށުމުންނެވެ.
ޝިޔާމް މިރޭ "ވަން" އަށް ވިދާޅުވީ، މިއަދާއި މާދަމާ 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރާނެ ކަމަށާއި އަދި އަންނަ ހަފުތާގެ އާދީއްތަ ހިސާބުގައި އިތުރު 30 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. އެއީ ޖުމުލަ 100 މިލިއަން ރުފިޔާއެވެ.
ބާކީ އޮންނަ 180 މިލިއަން ރުފިޔާ އަންނަ މަހުގެ 5ގެ ކުރިން ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަން ފެށުމުން ސީދާ މިނިސްޓަރު ޝިޔާމު ވަނީ މަސްވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުން އައްސަވައިފައެވެ. އަދި މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދުވެސް ވަރަށް ގާތުން މަސްވެރިންގެ އަޑު އައްސަވައި، އެ މީހުންނަށް ލިބެންޖެހޭ ފައިސާ ހަމަޖެއްސުވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފުސީލު މަސްވެރިންނާ ގަވާއިދުން ހިއްސާ ކުރައްވަމުން ގެންދެވިއެވެ.
"ކޫއްޑޫގައި އިހުތިޖާޖު ކުރި މަސްވެރިންގެ ފަރާތުން ހަގީގަތުގައި ފެނިގެންދިޔައީ ވަރަށް ރީތި ނަމޫނާއެއް. އެ ބޭފުޅުން ބެހެއްޓެވި ގާތްކަން ފާހަގަކުރަން. ކޫއްޑޫގެ އެއްވެސް އެއްޗަކަށް، ތަނަކަށް ގެއްލުން ނުދީ، ސުލްހަވެރިކަމާއި ކެތްތެރިކަމާއެކު މަސްވެރިންގެ ޑިމާންޑުތައް އިއްވަމުން އަދި އަޅުގަނޑުމެނަށް ދެމުން ގެންދިޔަ އެއްބާރުލުމަށް ޝުކުރު އަދާކުރަން،" ޝަމާހު "ވަން" އަށް ވިދާޅުވިއެވެ.
ކޫއްޑޫ އޮޕަރޭޝަނަށް ގެނައި އިރު، މިދިޔަ ހޯމަ ދުވަހުން ފެށިގެން އައްޑޫ ހުޅުމީދޫގައި ހުންނަ މަސް ފެކްޓަރީގެ މަސައްކަތް ހުއްޓުވައި، އެ ރަށުގައި ވެސް މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.