ގައުމީ އެއާލައިން، މޯލްޑިވިއަނުން ސާފް ބޯޑަށް ނަގާ އަގު ވީހާވެސް ބޮޑަކަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ހުވަދު އަތޮޅުގެ ޒުވާނަކު ވަނީ މޯލްޑިވިއަނުން ސާފް ބޯޑަށް ނަގާ އަގު ބޮޑުކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދެކޮޅު ޓިކެޓާއެކު ކައްދުއަށް ފަތުރުވެރިންގެ އަތުން ސާފް ބޯޑާއެކު 800 ޑޮލަރު ނަގާ ކަމަށްބުނެ، އެކަމަށް ހައްލެއް ހޯދައިދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާތޯ ރައީސާ ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެކަމަކީ ސާފިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑުވެފައި އޮތް ކަމެއް ކަމަށެވެ. އަދި ކައްދޫއަކީ ސާފިންގައި ވަރަށް ކުރީގައި އުޅޭ ސަރަހައްދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެގޮތުންނާ ވެސް އެކީގައި ތި ވިދާޅުވި ކަންތަކުގައި އަޅުގަނޑު މަސައްކަތްކޮށްދޭނަން. މޯލްޑިވިއަނުން ސާފް ބޯޑު ގެނައުމަށް މި ނަގާ ޗާޖު ވަރަށް ބޮޑު. އެހެންވީމާ އަޅުގަނޑު އެކަމާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެނެސްދޭނަން. ވީހާވެސް ބޮޑަކަށް އަގު ކުޑަކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި ރާޅާއެޅުމަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ހިމެނެއެވެ. އެގޮތުން ހުވަދު އަތޮޅަކީ އެމީހުން އާންމުކޮށް ރާޅާއެޅުމަށް ޒިޔާރަތްކުރާ އެއް އަތޮޅެވެ.