ޚަބަރު

ސުޕްރީމް ކޯޓުގެ އަމުރަށް ނުބަލައި މަޖިލީހުން ނިންމި ނިންމުންތައް ސައްހަތޯ ބަލަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުން އިސްތިއުފާ ދިނުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން މަޖިލީހުގެ ކޯރަމް ގުނުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް، ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ކޯރަމް ގުނުމަށް ނިންމައި އޭގެފަހުން މަޖިލީހުން ނިންމި ނިންމުންތަކަކީ ސުޕްރީމްކޯޓުގެ އެންގުމާ ހިލާފަށް ނިންމާފައިވާ ނިންމުންތަކެއްތޯ ބަލަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ހުސްގޮނޑި ނުލައި މަޖިލީހުގެ ކޯރަމް ގުނަން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ފަހަތަށް އަކުރުތަކެއްގެ ގޮތުގައި މި އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަންފެށީ ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނަސްފައިވާ އިސްލާހެއް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައަށް ގޮތެއް ނިމެންދެން ހުސްގޮނޑި ނުލައި ކޯރަމް ގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ކުރުން މަޑުޖައްސާލަން މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ.

ސުޕްރީމް ކޯޓުން ވަގުތީ އަމުރު ނެރުނު ނަމަވެސް ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ކޯރަމް ގުނުމަށް މިމަހު 11 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައެވެ.

އޭޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ބާއްވާފައިވާ އިރު، ސްޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް އެ އަމުރާ ހިލާފަށް މަޖިލީހުން އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ސާފުކޮށް އެކަމާ ގުޅޭ ލިއުންތައް ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހަށް މިއަދުގެ އަޑުއެހުމުގައި ކޯޓުން ވަނީ އަންގައިފައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ ބެންޗުން ބަދަލަމުންދާ މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ ސުޕްރީމް ކޯޓުގެ އަމުރަށްފަހު ރައްޔިތުންނާ ގުޅޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ މަޖިލީހުން ނިންމި އެއްވެސް ނިންމުމެއްވާ ނަމަ ސުޕްރީމް ކޯޓާ ހިއްސާ ކުރެއްވުމަށް، އެ އަޑުއެހުމުގައި އޭޖީގެ ފަރާތުން ވަކާލާތު ކުރައްވާ އެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ހަލީމްއަށް އަންގަވައިފައެވެ.

"ސުޕްރީމް ކޯޓުން އަމުރު ނެރުނުފަހުން ރައްޔިރުންނާ ގުޅޭ އެއްވެސް ކަމެއްގައި މަޖިލީހުން އޮންނާނެތޯ، އެއްވެސް ކަމެއް ފާސްކުރައްވައިފަ ކޯރަމްއާމާމެދު ސުވާލު އުފެދޭ މޭރުކަމުން،"

ސުޕްރީމް ކޯޓުގެ އަމުރަށްފަހު މަޖިލީހުން ކަންތައް ކުރަމުންގެންދިޔަ ގޮތާމެދު ވެސް ފަނޑިޔާރު އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ކައުންސެލް ޖެނެރަލްއަށް ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ.

ބައެއް ސުވާލުތަކާ ގުޅިގެން ކައުންސެލް ޖެނެރަލް ވިދާޅުވީ، މަޖިލީހުމް ކަންތައް ކުރިއަށްގެން ދިޔައީ ސުޕްރީމް ކޯޓުން އެންމގޮތަށް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ނިންމުންތައް ނިންމަމުން ގެންދިޔައީ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފައި ވަނީވެސް ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ އިސްލާހު މާއްދާއިން އުނިކޮށް މަޖިލިސް ގަވާއިދުގެ 202 ވަނަ މާއްދާގެ ފަހަތަށް ގެންނަން ފާސްކުރީވެސް ކޯޓުން އަމުރު ނެރެފައި ވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށާއި އެއީ ކޯޓުތަކުގެ ގާނޫނާ ހިލާފް ކަމެއް ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު މަޖިލީހުން ފާސްކުރި ބިލްތަކާއި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމި ޔައުމިއްޔާ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ކައުންސެލް ޖެނެރަލްއަށް އަންގަވައިފައެވެ.

ފަނޑިޔާރު ވިދާޅުވީ އެ ހުށަހެޅުންތަކަށް ބެއްލެވުމަށްފަހު މައްސަލައާބެހޭ އަިތުރު އަޑުއެހުމެއް ބާއްވަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.