ނިމިދިޔަ ރިޔާސީ އިންތިހާބުގައި މަކަރު ހެދުމުގެ ކަންތައްތައް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަލްހާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމަށް ފަހު ރައީސް ޔާމީން ވެސް އެ ނަތީޖާ ގަބޫލުފުޅު ކުރައްވައި، ފަހުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހިންގި ކަންތައްތަކެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން މައްސަލަތަކެއް ހުށަހެޅުއްވީމާ އެކަން ބެލުމަށް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑަށް ފާހަގަކުރެވިފައި އެބަހުރި ބައެއް މީސްމީހުންގެ ފަރާތުން، ރައީސް ޔާމީނުގެ ކެމްޕޭނުގައި އިސްދައުރެއް އަދާކުރެއްވި ބޭބޭފުޅުންގެ ފަރާތުން އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާ ފަދަ ކަންކަން ކުރުމަށްޓަކައި އަދި ވަގު ވޯޓު އެޅުމަށް މަސައްކަތްކުރެވުނު ކަމާއި، ކޮންމެވެސް މިންވަރަކަށް އެކަންކަން ހާސިލްކުރެވުނުކަން ވެސް،" އޭނާ ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ބޭނުންވާ ދަރަޖައަށް އިންތިހާބުގައި މަކަރު ހެދުމުގެ ކަންކަން ކުރެވިފައި ނުވާކަން ފާހަގަކުރެވުނު ކަމަށާއި އޭގެ ބައެއް ކަންތައްތަކަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އުޅޭ މައްސަލައިގައި ހިމެނޭ ކަންކަން ކަމަށެވެ.
"އަޅުގަނޑުގެ ހޯދުންތައް ދައްކާގޮތުން މަކަރު ހެދުމުގެ ކަންތައްތައް ރާވަން ނިންމާފައިވަނީ އެބޭފުޅުން. މިވަގުތު އަދި އަޅުގަނޑުގެ ތަހުގީގު އެކީގައި ފުރިހަމަ ވެސް ނުކުރެވޭތީއާ އެކީގައި އެބޭފުޅުންގެ ނަންތައް ހާމަކުރުމަކީ އެންމެ އެކަށީގެންވާ ގޮތަކަށް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
އަލްހާނަކީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދުކުރައްވި ބޭފުޅެކެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އިންތިހާބު ކާމިޔާބުކުރެއްވުމާއެކު އަލްހާން ގެންދެވީ އިބޫއަށް ތައުރީފްކޮށް ވާހަކަދައްކަވަމުންނެވެ. އަލްހާން ވިދާޅުވިގޮތުގައި އޭނާ ރައީސް ޔާމީނަށް ތާއީދުކުރެއްވީ އޭރުގެ ހާލަތު އޮތްގޮތުންނެވެ.