ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ވޭމަންޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި ކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވޭމަންޑޫ ކައުންސިލުން ވަނީ، ވޭމަންޑުއަކީ އަތޮޅުވެރިކަން ކުރާ ރަށް ކަމަށްވުމާއެކު ވެރިކަންކުރާ ރަށެއްގެ ސިފަ އެރަށަށް ލިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ހާމަކުރައްވައިފައެވެ. މިގޮތުން، ރައްޔިތުންނަށް ރަށުން ލިބެންޖެހޭ ބައެއް އަސާސީ ހިދުމަތްތައްވެސް ރަށުގައި ފުރިހަމަ ނުވާ ކަމަށާއި އެރަށަކީ ކޮންމެ ދުވަހަކު ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއް ކަމުގައި ވީނަމަވެސް އެކަށީގެންވާ ބަނދަރެއް ވޭމަންޑޫގައި ނެތްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ މަގުތައް އެކަށީގެންވާ ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަންޖެހިފައިވާ ކަމުގައިވެސް ކައުންސިލް މެންބަރުން ވިދާޅުވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލު ކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ހުރިހާ ގޮތަކުން ކައުންސިލްތައް ބާރުވެރި ކުރުވައި، ލާމަރުކަޒީ ނިޒާމުގެ ދަށުން ވެރިކަން ހިންގެވުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.