ޚަބަރު

އ.ދ. އިން ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޔޫއެންޑީޕީ އިން ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްދެއްވާފައިވާ މުހިންމު ކަންތައްތަކާއި އަދި މިހާރު ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކާއި ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ރައީސް ވަނީ މިސް ޝޯކޯ ނޯޑާގެ ދައުރުގައި އެކަމަނާ އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިސް ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގެ ގަނޫނު އަސާސީގައިވާ ހައްގުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުރު ބާރެއް ލިބިފައިވާ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި މިސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި މިސް ޝޯކޯ ނޯޑާ ވަނީ ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ކުރުމާއި އަންހެނުން ބާރުވެރިކުރުމާއި އިގްތިސާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވައި އެކަންކަން ހާސިލުކުރުމުގައި ޔޫއެންޑީޕީ އިން އެއްބާރުލުން ދެވެން އޮތް މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ހޯއްދެވި ކާމީޔާބީއަށާއި، ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް މި ދެއްވި ތާއީދަކީ ސަރުކާރުގެ ޝަރުއީ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދޭނެކަމަށް އުންމީދުކުރައްވާ ކަމުގައި މިސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން، މިސް ޝޯކޯ ނޯޑާ ވަނީ ފާއިތުވި ގިނަ އަހަރުތަކެއްގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކުގައި ކަން ފާހަގަކުރައްވައި ރާއްޖެއާ މެދު އެކަމަނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝުއޫރުތައް ހާމަކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިސް ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކުރައްވައި އެކަމަނާއަށް ޝުކުރު އަދާކުރައްވައި އެކަމަނާއަށް ބާއްޖަވެރި ކާމިޔާބު ކުރިމަގަކަށް އެދިވަޑައިގެންފައެވެ.