ނ. ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ.
އެ މަޝްރޫ ކުރިޔަށްގެންދާ މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނީ، އެ މަޝްރޫގެ ދަށުން 66,701 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2,205 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އޭގެ އިތުރުން، 366 މީޓަރުގެ އެއްގަމުތޮށި ލުމާއި، 321 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
އެ މަޝްރޫގެ ދަށުން އިތުރަށް ކުރާން ހުރި މަސައްކަތުގެ ތެރޭގައި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,720 އަކަ މީޓަރުގެ ސަރަހައްދެއްގެ ހާބާ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއަކީ 64.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޅޮހީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2022 ޑިސެމްބަރު 29 ގައި 640 ދުވަސް ތެރޭ ނިންމައި ހަވާލުކުރާ ގޮތަށެވެ.