އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީގެ މެންބަރުންނަށް ވެސް އެހެން މުވައްޒަފުންނަށް ލިބޭ ހުރިހާ އިނާޔަތްތަކެއް ހޯދައިދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ އެހެން މުވައްޒަފުންނަށް ލިބޭ އެލަވަންސްތައް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް ޑަބްލިޔުޑީސީގެ މެންބަރުން ފާޅުކުރަމުންގެންދާ ކަމަށާއި އެކަމަށް ކުރިން މަސައްކަތްކުރެއްވި ނަމަވެސް، އެކަން ވެފައިނުވަނީ ގާނޫނު ބައްޓަން ކޮށްފައި އޮތް ގޮތުން ކަމަށެވެ.
"ގާނޫނުގައި މިއޮތީ މުވައްޒަފުންގެ ގޮތުގައެއް ނޫން، މުވައްޒަފުންނަށް ދޭންޖެހޭ ހައިސިއްޔަތެއް، ސްޓެޓަސްއެއް ނޯވޭ ޑަބްލިޔުޑީސީ މެންބަރުންނަކަށް. އެހެންވީމާ ދެންމެ މި ދެންނެވި އެއްވެސް ކަމެއް ނެތީ ވާން. ގާނޫނު ބަދަލުކުރެވެން އަންނާނީ ސަރުކާރަކަށް ނޫން، ރައްޔިތުންގެ މަޖިލިސް ތެރެއިން. އަޅުގަނޑު ވަރަށް ތާއީދުކުރަން ޑަބްލިޔުޑީސީގެ އެ ކަންބޮޑުވުންތައް ހައްލުކުރަން. އޭރު ވެސް މަސައްކަތްކުރިން އެކަމަށް. ސަރުކާރުން މިހާރުވެސް މަސައްކަތްކުރާނަން އިރާދަކުރެއްވިއްޔާ މަޖިލިސް ތެރެއަށް މިކަމުގެ އިސްލާހެއް ހުށަހެޅޭތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެކަމަށް އިޖާބައެއް ދީފިއްޔާ އެކަން ވާނެ ކަމަށާއި މިދިޔަ 14 ހަފުތާގެ ތެރޭގައި މަޖިލީހުން މި ސަރުކާރާ މެދު އަމަލުކުރަމުންދިޔަ ގޮތް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާ ތަނަކަށް ވާން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ކަންކަން ކޮށްދޭން މަގުފަހިކޮށްދޭ ތަނަކަށް ބަޔަކަށް ވާން ޖެހޭ ތަނެއް. އެހެންވީމާ ޑަބްލިޔުޑީސީއާ ބެހޭ މި މުހިންމު މައްސަލަ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތްކުރާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް އިންތިހާބުގައި ހަމަ ޔަގީނުން ވެސް އަޅުގަނޑުމެންނަށް ރަނގަޅު ކާމިޔާބެއް ރައްޔިތުން ދެއްވައިިފިއްޔާ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް، އެ ގާނޫނު ބަދަލުކުރާނަން. ބަދަލުކޮށް ޑަބްލިޔުޑީސީތަކަށް މި ދެންނެވި ހުރިހާ އެލަވަންސްތަކާއި ހުރިހާ އިނާޔަތްތަކެއް ލިބޭގޮތަށް ގާނޫނު އިސްލާހުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކުރިން ވެސް ޑަބްލިޔުޑީސީގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދައިދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ނިޒާމު ބައްޓަންވެފައި އޮތް ގޮތުން ކަންކަން ކުރެވޭނީ އެކަންކަން ފަހިވީމަ ކަމަށެވެ.