ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ އޭޕްރަންއެއް ހަދައި، ބޭނުންކުރަން ފަށައިފިއެވެ.
ހަނިމާދޫ އެއާޕޯޓް އޮޕަރޭޓް ކުރާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން މިއަދު ބުނީ، އެ އެއާޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް، އާ އޭޕްރަން ރަސްމީކޮށް ބޭނުންކުރަން ފެށީ އިއްޔެ ހެނދުނު ޖެއްސި މޯލްޑިވިއަންގެ ފްލައިޓާއެކު ކަމަށެވެ.
އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވި ގޮތުގައި އަލަށް ހެދި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނިފައިނުވާ ކަމެއް ނަމަވެސް ރައީސް ޑރ. މުހައްމަދުގެ އިރުޝާދުފުޅުގެ ދަށުން މިހާރަށް މިހާރަށްވެސް ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން އާ އޭޕްރަންއެއް ހެދީ ކަމަށެވެ.
އާރުއޭސީއެލުން ބުނީ، 42،000 އަކަފޫޓުގެ އާ އޭޕްރަން ހާއްސަ ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގައި ކަމަށެވެ އެގޮތުން އެ ތަނުގައި އެއްފަހަރާ ހަ ޖެޓަށް ޕާކު ކުރެވޭނެ ކަމަށާއި ނަމަވެސް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އެ ސަރަހައްދު ބޭނުންކުރާނީ އައިސޮލޭޝަންބޭއެއްގެ ގޮތުގައި ކަމަށެވެ.
ހަނިމާދޫ އެއާޕޯޓުގައި އާ އޭޕްރަންއެއް ހަދައި ބޭނުން ކުރަން ފެށި އިރު، އެ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހެދި 2،460 މީޓަރު ރަންވޭގެ ތެރެއިން ނިމުނު 1،200 މީޓަރު ހުޅުވައި، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ވަނީ ބޭނުން ކުރަން ފަށައިފައެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ އޭ 320 އާއި ބޮއިންގް 737 ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓް ޓާމިނަލަކާއި ފިއުލް ރައްކާކުރާނެ އިންތިޒާމާއެކުއެވެ.