ޚަބަރު

އެމްއެމްއޭ އިން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށްގެން ލެކްޗާ ސީރީސްއެއް ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށްގެން ލެކްޗާ ސީރީސްއެއް ފަށައިފިއެވެ.

އެ ލެކްޗާ ސީރީސްގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ގޮސްފައިވަނީ ފުވައްމުލަކު ސިޓީއަށެވެ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށްގެންދިޔަ ސެޝަންގައި އެ ސްކޫލުގެ ސާނަވީ ގްރޭޑްތަކުގެ ބައެއް ދަރިވަރުން ބައިވެރިވިއެވެ.

އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގަވަރުނަރު ވަނީ އެމަނިކުފާނުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

އެމްއެމްއޭ އިން މިއަދު ބުނީ އެ ލެކްޗާ ސީރީސްގައި ދަރިވަރުންނަށް މައުލޫމާތުދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދާއިރާ ހިމެނޭ ކަމަށާއި އޭގެ އިތުރުން މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ވެސް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށް އެފަދަ ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށް ގެންދެއެވެ. މާލޭގައި ބޭއްވޭ އެފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލުތަކުން ބައިވެރިވުމުގައި ހުރި ދަތިކަން ފާހަގަކުރެވިފައިވުމާއެކު އެ ސްކޫލުތަކަށް އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.

އެގޮތުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެކި ދުވަސް މަތިން ސެޝަންތައް ކުރިއަށްގެންދާނެ ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.