އަލިފާނުގެ ހާދިސާ

ލ. ގަމުތުނޑީ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ލ. ގަމުތުނޑީ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު މެންދުރު ހިނގި މި ހާދިސާގައި އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުންގެ މީޑިއާއިން ބުނެ އެވެ.

އަލިފާންގަނޑު ނިއްވައިލީ އާންމުންނާއި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ޓީމު ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ގަމުތުނޑީ އަވަށު ކައުންސިލުގެ ރައީސް އަހުމަދު ޝާހީން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ދުންފިނި ހިޔާ ގޭގައި ކަމަށެވެ.

ޝާހީން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މިއަދު މެންދުރު 12:45 އާއި 1:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށާއި ރޯވެފައި ހުއްޓައި ފެނުނީ ކައިރި ގެއެއްގެ މީހަކަށް ކަމަށެވެ. އަދި އެހާދިސާ ހިނގިއިރު އެގޭގައި ޖުމުލަ އެގާރަ މީހުން ދިރިއުޅޭ ކަމަށާއި އެވަގުތު ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށް ވިދާޅުވިއެވެ.

ޝާހީން ވިދާޅުވި ގޮތުގައި އެހާދިސާ ހިނގިއިރު ގޭގެ ކުޑަކުދިން އެކި ގޭގެއަށް ގެންގޮސް، ބޮޑެތި މީހުން ވީ އޮފީސްތަކަށް ވަޒީފާއަށް ގޮހެވެ. އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުުވާކަމަށް ވެސް އޭމާ ވިދާޅުވިއެވެ.

އެހާދިސާގައި ގޭތެރޭގައި ހުރި ހުރިހާ ތަކެއްޗެއް އަނދާފައިވާ ކަމަށާއި ހުރީ ގޭގެ ހަތަރު ފާރު އެކަނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިންނާއި ރައްޔިތުން ގުޅިގެން އަލިފާން ނިއްވައިލާފައިވާ ކަމަށް ޝާހީން ވިދާޅުވިއެވެ.

މީގެއިތުރުން ޝާހީން ވިދާޅުވީ އެގޭގައި ދިރިއުޅޭ އެގާރަ މީހުންނަށް ވަގުތީގޮތުން ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ކައުންސިލާއި ޑިޒާސްޓާ މެނޭޖް މެންޓް އޮތޯރިޓީ ގުޅިގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ގަމު ތުނޑީ އަވަށު ދުންފިނިހިޔާގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ 12:58 ހާއިރު ކަމަށާއި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ 1:50 ހާއިރު ކަމަށެވެ.