ޚަބަރު

ރަސްދޫ ދެމަފިރިން ފިހުން: އަންހެން މީހާގެ އުންމީދު ކަނޑާލައިފި، ފިރިހެން މީހާގެ ހާލަތު ދަނީ ދަށްވަމުން!

މުހައްމަދު އިޝާން

އއ. ރަސްދޫގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު އަންހެން މީހާގެ އުންމީދު ކަނޑާލައިފިއެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ ރޭ 11:15 އެހާކަންހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދެ މީހަކު ޒަހަމް ވެގެން ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ. އެއީ އައިޝަތު ރިފްގާ، 31އ. އަދި އަލީ ސާމިން، 31އ، އެވެ.

ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދު "ވަން" އަށް މިއަދު ވިދާޅުވީ ޑޮކްޓަރުންނާ ހަވާލާދީ އާއިލާގެ ފަރާތުން އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށެވެ. ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވުމުގެ ސަބަބުން އުންމީދު ކަނޑާލާފައިވާ ކަަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.

ނާހިދު ވިދާޅުވީ ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސަންޓް ފިހިފައިވާ ކަމަށެވެ.

"ދެ މީހުންގެ ހާލަތު ދަނީ ދަށްވަމުން، (އަންހެން) މީހާގެ އުންމީދު ކަނޑާލާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފަވަނީ އާއިލާގެ ފަރާތުން،" ނާހިދު ވިދާޅުވިއެވެ.

ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.