ޚަބަރު

ރައީސް މުއިއްޒަށް ކުޑަ ވަގުތުކޮޅެއް ދެއްވާ! އައްޑޫ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ: ނިހާދު

މުހައްމަދު އިޝާން

އައްޑޫ ސިޓީ، ފޭދޫން (މުހައްމަދު އިޝާން ވަން އޮންލައިން)

އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ މި ދަތިތަކުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުޑަ ވަގުތު ކޮޅެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ކަންތައްތައް ހައްލުވުމުން އައްޑޫ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކުރެވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސާއެކު ވަޑައިގެންނެވި ނިހާދު ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒު އައްޑޫގެ ތަރައްގީއަށް އިސްކަން ދެއްވާނެކަން ޔަގީންވެގެންދަނީ ތަރައްގީގެ އެކި ކަންކަމުގައި ރައީސަށް ގުޅުމުން ނުވަތަ މެސެޖެއް ކޮށްލުމުން ވަގުތުން ރިޕްލައި ކުރައްވާތީ ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް އިރާދަކުރެއްވީތީ ރައީސް މުއިއްޒު އެ ހުންނެވީ ކޮށްދެއްވަން ތައްޔާރަށް. އަޅުގަނޑުމެން ބޭނުންވަނީ ކުޑަކުޑަ ކެތްތެރިކަމެއް. އެއީ އަޅުގަނޑުމެންގެ މި ސަރުކާރަށް ހަވާލުވީއިރުގަ އޮތް ދަރަނި ވަރަށް ބޮޑު. ފެނަކައަށް ބެއްޔަސް، އެމްޑަބްލިޔުއެސްސީއަށް ބެއްޔަސް އަދި ވުޒާރާއަކަށް ބެއްޔަސް. ދަރަނި އޮތީ އެހާ ބޮޑުކޮށް. އެކަމަކު ދަންވަންތޯ މި ދައުލަތެއް މިއޮތް ކެބިނެޓު އޮވެ މި ރައީސާއެކު މަސައްކަތުގަ ބަނގުރޫޓު ވެގެންނުދާނެ" ނިހާދު ވިދާޅުވިއެވެ،

ރައީސް މުއިއްޒު ގެންދަވަނީ އަމިއްލަފުޅަށް އިސްނަންގަވައިގެން ވެސް އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރައްވަމުން ކަމަށް ނިހާދު ވިދާޅުވިއެވެ. އެގޮތުން ރައީސް ވަނީ އައްޑޫގައި ޓޫރިޒަމްގެ ބޮޑު ޕްރޮޖެކްޓެއް ފަށަން ވިސްނަވައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ނިހާދު ވިދާޅުވިއެވެ. ކުދިކުދި ކަންތައްތަކުގެ ބަދަލުގައި ރައީސް ބޭނުންފުޅުވަނީ އިގްތިސޯދީ ގޮތުން މަންފާވާނެ އަދި އައްޑޫގައި ވަޒީފާތަކެއް އުފެދިގެންދާނެ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށް ގެންދަވަން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުއާއެކު އައްޑޫ ސިޓީ ތަރައްގީވެގެންދިޔުމަށް މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫގެ ހުރިހާ ދާއިރާތަކެއްގެ ގޮނޑި ސަރުކާރަށް ކާމިޔާބުކޮށްދިނުން މުހިންމު ކަމަށް ނިހާދު ވިދާޅުވިއެވެ.

އޭނާ ހުންނެވީ ރައީސް މުއިއްޒު، ދެވަނަ ދައުރަކަށް ހޮވަން ތައްޔާރަށް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.