ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ކަށިމާ އަހްމަދު ޝާކިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ޝާކިރު އައްޔަން ކުރެއްވީ، ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު، އިސްތިއުފާ ހުށަހެޅުއްވުމުންނެވެ.
އަނީސާ އިސްތިއުފާ ގަބޫލުފުޅު ކުރައްވައި، އެ ކަމަނާއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކުގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބަދަލުގެ އިތުރުން ގައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މ. މަހުމާވިލާ، އިބްރާހީމް އިސްމާއީލް އަލީ، ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން އޭނާގެ ބަދަލުގައި، އެ ކޮމިޓީގެ މެންބަރު ކަމަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަސީރު އައްޔަނުކުރައްވާފައިވާ ކަމަށެވެ.