ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯ ބޭގަށް ވެލި އެޅުމުގެ މަސައްކަތް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، ރަށަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކުމާއި އެއާޕޯޓަށް ބޭނުންވާ 30.8 ހެކްޓަރުގެ ބިން ހިއްކުމާއި 1948 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން 1665 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 232.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީގެ ބޮޑު ޖައްރާފާ މޮބިލައިޒްކޮށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޮބަރު މަހުތެރޭގައެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2022 އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ.