ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލުގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހުޅުވައިފި

މަރިޔަމް ޝަހުދާ

ހުޅުމާލެ ހޮސްޕިޓަލުގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު ހުޅުމާލޭ ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ ހާއްސަ ހަފުލާއެއްގައި ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ހުޅުއްވައި ދެއްވާފައި ވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ގާއިމްވުމާއެކު އެމްއާރުއައި، ސީޓީ ސްކޭން އަދި މެމޯގްރަފީގެ ހިދުމަތް އެ ހޮސްޕިޓަލުން ލިބޭނެ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓު ހުޅުވުމަށް އެ ހޮސްޕިޓަލުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ނާހިދާ ހަމީދު ވިދާޅުވީ އެމްއާރުއައި އަދި ސީޓީ ސްކޭން މެޝިން ހުޅުމާލޭ ހޮސްޕިޓަލުގައި ހުންނަތާ ވަރަށް ދުވަސްވެފައި ވީނަމަވެސް ހިދުމަތް ނުދެވުމުގެ ސަބަބުން އެ ހޮސްޕިޓަލަށް އާންމުންގެ އެތައް ފާޑުކިޔުމެއް އަމާޒުވި ކަމަށެވެ. މިއަދު ހުޅުވިގެންދިޔަ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއެކު އެ މެޝިންތައް ބޭނުން ކުރަން ފެށޭނެ ކަމަށް ނާހިދާ ވިދާޅުވިއެވެ.

ނާއިލާ ވިދާޅުވީ މިއަދު އެމްއާރުއައި ގެ ހިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ފެށިގެންދާނެކަމަށެވެ. އަދި ސީޓީ ސްކޭން އާއި މެމޯގްރަފީގެ ހިދުމަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށް ނާއިލާ ވިދާޅުވިއެވެ.