ބ. ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ.
އެ މަޝްރޫއު ކުރިޔަށްގެންދާ މޯލްޑިސް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން މިހާތަނަށް ނިމިފައިވަނީ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 51 ޕަސެންޓް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 30,504 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 1843 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 4126 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި 2301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން 352 މީޓަރުގެ ސަރަަހައެއްގައި ބޭރުތޮށި ލުމާއި 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 24 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 10 މީޓަރު ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދަރަވަންދޫ ބަނދަރު ތަރައްގީކޮށް ނިމޭ އިރު، 140 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 2104 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއަކީ 55.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ދަރަވަންދޫ ބަނދަރު ތަރައްގީގެ އަމަލީ މަސައްކަތް ފެށީ ނިމިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް ސަރުކާރުން އެމްޓިސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ގައި، އެއް އަހަރުން މަސައްކަތް ނިންމާ ގޮތަށެވެ.