އުރީދޫ މޯލްޑިވްސް އިން ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކޭބަލް މިއަދު ކުޅުދުއްފުށި ސިޓީއަށްއަށް އެއްގަންކޮށް، އެރަށުގައި ގާއިމުކޮށްފައިވާ އުރީދޫގެ ލޭންޑިންގް ސައިޓާ ގުޅާލައިފިއެވެ. މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ.
އުރީދޫ މޯލްޑިވްސް އިން ރާއްޖެ ގެންނަ ސަބްމެރިން ކޭބަލް ކުޅުދުއްފުއްޓަށް އެންގަން ކުރުމަށް ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފެވެ.
އުރީދޫން ބުނީ، މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް އަދި އެފްރިކާއާވެސް ރާއްޖެ ގުޅާލެވޭނެ ކަމަށެވެ. އަދި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ސިސްޓަމް މަސައްކަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. އަދި އެ ކޭބަލް އާއެކު 5ޖީގެ ގާބިލުކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
"ރާއްޖެއާއި ސިންގަޕޫރު އަދި ޔޫރަޕާ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތަށް ހުޅުވިގެންދާނެކަން ޔަގީން. އުރީދޫ މޯލްޑިވްސް ވަނީ ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފުކޮށް ރާއްޖެ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. މިކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެއިން ނިޔާޒު ވިދާޅުވީ، މިއަދު ފެށި ޕީސް ކޭބަލްގެ އަމަލީ މަސައްކަތާއެކު ކުޅުދުއްފުށި ވެގެން ގޮސްފައިވަނީ މާލެ ސަރަހައްދުން ބޭރުގައި ސަބްމެރީން ކޭބަލްގެ މައި ލޭންޑިންގް ސްޓޭޝަން ބެހެއްޓުނު ފުރަތަމަ ރަށަށް ކަމަށެވެ. އެއާއެކު ކުޅުދުއްފުށްޓަށާއި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫން ދޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެ ގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އޭގެ އިތުރުން، ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕްތަކުގައި ހިމެނިގެންދާނެ" ނިޔާޒު ވިދާޅުވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ އާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިހުތިޔާރު ކުރިކަމަށްޓަކައި އުރީދޫ މޯލްޑިވްސް އަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ ރަށުގެ މުޖުތަމައަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި މަންފާ ލިބުމަކީ އުންމީދެއް ކަމަށް ވިދާޅުވިއެވެ.
އުރީދޫން ބުނީ، ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަންއަށް ކާމިޔާބު ކަމާއެކު ގުޅާލުމާއެކު ރާއްޖޭގައި އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށް ކަމަށެވެ. އަދި ހައިޕަސްކޭލަ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވި، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެންދާނެ ކަމަށް ބުންޏެވެ.