ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންނަށް ސަރުކާރުގެ ތެރެއިން އިތުރު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ އެހެން ވިދާޅުވެފައިވަނީ "އިންޓަނޭޝަނަލް ހޯމް ބޭސްޑް ވޯކާސް" ދުވަހާ ގުޅިގެން އިބޫ ކުރެއްވި ޓުވީޓެއްގައެވެ.
އިބޫ ވިދާޅުވީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހުންނަކީ މުޖުތަމައުގައި އިސް ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން އެމީހުންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު، އިބޫ ގެންދަވަނީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ހިޔާލު ހޯއްދަވަމުންނެވެ.