ހުޅުމާލޭގައި ހިންގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި މާބަނޑު އަންހެނަކަށް ފަރުވާދޭން ފަށައިފި އެވެ.
އެ އަންހެން މީހާއަށް ފަރުވާދެމުން އަންނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ކާރުގެ ކުރީކޮޅުން ސައިކަލުގައި ޖެހި ސައިކަލުގެ ފަހަތން ބައެއް ވަނީ ކާރުގެ ދަށަށް ވަދެފަ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ ސީނިއަރ މީޑިއާ އެންޑް އެވެއަނެސް އޮފިސަރު އާޝިއާ ސޯލިހު ދާދި ދެންމެ ވިދާޅުވީ، އެ މާބަނޑު މީހާގެ ފައިގެ ކަށިގަނޑެއް ބިންދައިގެން ގޮސް ބޭރަށް ނުކުމެފައިވާ ކަމަށެވެ. އެއީ އުމުރުން 37 އަހަރުގެ އަންހެނެއް ކަމަށް ވެސް އާޝިއާ ވިދާޅުވި އެވެ.
އެކްސިޑެންޓް ހިންގާފައިވާ ސަރަހައްދަށް "ވަން އޮންލައިން"ގެ ނޫސްވެރިޔަކު ދިޔަ އިރު، ވެއްޓިފައި އޮތް ސައިކަލު ކައިރީގައި ލޭ ހުއްޓެވެ. އަދި އަންހެނެއްގެ ފައިވާން ވެސް އޮތެވެ.
ފުލުހުންގެ މީޑިއާއަށް ގުޅުމުން ފޯނު ނުނަންގަވާތީ، ފުލުހުންގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.