ޑިންގީއެއްގެ އިންޖީނުގެ ބުރަފަތީގައި ޖެހި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ މަލަހިނި ކުޑަބަނޑޮސް ރިސޯޓުގައި މަސައްކަތްކުރާ ބ. ތުޅާދޫ، ބަގީޗާގެ، އުމަރު ހަސަންއަށެވެ. މިއަދު އިރުއޮއްސި 6:40 ހާއިރު ހަސަންއަށް އެ އަނިޔާތައް ލިބިފައިވަނީ އެ ރިސޯޓުގެ ފަޅުތެރޭގައި އިންޖީނު ސްޓާޓުކޮށްފައި އޮއްވާ، މޫދަށް ވެއްޓި ބުރަފަތީގައި ޖެހިގެން ކަމަށް އޭނާގެ އާއިލާއިން "ވަން އޮންލައިން"އަށް މައުލޫމާތުދެއެވެ.
ޑިންގީގެ ބުރަފަތީގައި ޖެހި އުމަރު ހަސަންގެ ފައި ވަރަށް ބޮޑަށް ކަފައިގެން ދިއުމުން ފައިގެ ބައެއް ކަށިތައް ވެސް ފެންނަން ހުއްޓެވެ. ފައިގެ އިތުރުން އޭނާގެ ބަނޑަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ. އެ އަނިޔާތަކާއެކު އޭނާ ޑިންގީއަށް އަރާފައިވަނީ ވެސް އަމިއްލައަށެވެ.
އެ ހާދިސާއާ ގުޅިގެން އުމަރު ހަސަނަށް ފަރުވާ ދިނުމަށް މިރޭ 7:00 ހާއިރު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ މެނޭޖްމަންޓުންނެވެ. މިހާރު އޮޕަރޭޝަން ކުރުމަށް އޭނާ ތިއޭޓަރަށް ވެއްދުމަށް އޭޑީކޭ އިން ދަނީ ތައްޔާރުވަމުންނެވެ.