ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ރާއްޖޭން ބޭރުގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް މިހާރުވެސް ދިވެހިބަހާއި އިސްލާމް ކިޔަވައިދެއެވެ. ނަމަވެސް އެ މާއްދާތައް ކިޔަވައިދެނީ އެއްތަނަކަށް ކުދިންތައް ގެނެސްގެންނެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އޮންލައިންކޮށް ދިވެހި/ އިސްލާމް ކިޔެވޭނެ ގޮތް ހަމަޖައްސައި ދެއްވުމަކީ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ކަމެކެވެ.
'ރިވެލި' ނަމުގައި އެ ޕްރޮގްރާމް މިރޭ އިފުތިތާހު ކޮށްދެއްވީވެސް ރައީސް މުއިއްޒު ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ތާޖު ހޮޓެލް ދުބާއީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ, ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި/ އިސްލާމް ކިޔަވައިދޭ ޕްރޮގްރާމް ކުރިއަށް ގެންދާތާ ދެ ހަފުތާ ވެފައިވާ އިރު، އެ ޕްރޮގްރާމްގެ ކިޔެވުން ހަރުދަނާކޮށް، ދަރިވަރުންނާ ގުޅޭނެ ބައިތައް އިތުރު ކުރަމުން އަންނަ ކަމަށެވެ.