ޚަބަރު

އަމީނިއްޔާ އަލިމަސް ޔޫބީލް ފުޓްބޯޅަމެޗް، ރައީސްގެ އަނބިކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި

އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ފުޓްބޯޅަމެޗް، ރައީސުލް ޖުމްހުރިއްޔާގެ އަނބި ކަނބަލުން ފަޒްނާ އަހުމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރުފުރޭ އަލިމަސް ޔޫބީލް މުނާސަބަތުގައި ގަލޮޅު ދަނޑުގައި ކުޅުނު މި ހާއްސަަ މެޗްގައި ފުރަތަމަ ބައްދަލުކުރީ، އަމީނިއްޔާ ސްކޫލްގެ އިސްދަރިވަރުން ހިމެނޭ ދެ ޓީމެވެ.

ދެވަނަ މެޗުގައި ބައްދަލު ކުރީ އަމީނިއްޔާ ސްކޫލްގައި މިހާރު ތައުލީމް ހާސިލްކުރަމުންދާ ފިރިހެން ދަރިވަރުންނާއި އެ ސްކޫލްގެ ފިރިހެން ޓީޗަރުންގެ ޓީމެކެވެ.

މިރޭގެ ފުޓުބޯޅަ މެޗުގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މެޑެލް ހަވާލުކޮށްދެއްވިއެވެ.

އެކަމަނާގެ އިތުރުން ކުރީގެ ފަސްޓްލޭޑީ މެޑަމް އިލްހާމް ހުސެއިން އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ކުރީގެ ހެލްތު މިނިސްޓަރ އަނީސާ އަހުމަދާއި، އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އާއި އަމީނިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަދި ޖެންޑާ މިނިސްޓަރުކަން އަދާކުރެއްވި، ޑރ.އާމާލް އަލީ އާއި އަމީނިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލްކަން ކުރެއްވި ރަޝީދާ މުހައްމަދު ދީދީ އާއި އަމީނިއްޔާ ސްކޫލްގެ މިހާރުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު އާއި، ޑެޕިއުޓީ ޕްރިންސިޕަލް ޝުވައިބަތު ސައީދުގެ އިތުރުން އެ ސްކޫލްގެ ސްކޫލް ކެޕްޓަން ވެސް ޓީމްތަކަށް މެޑެލް ހަވާލު ކޮށްދެއްވުމުގައި ބައިވެރިވިއެވެ.

މިރޭގެ ތާރީހީމެޗް ބައްލަވައިލެއްވުމަށް އަމީނިއްޔާ ސްކޫލްއިން ތައުލީމް ހާސިލްކުރި ގިނަ އަދަދެއްގެ ކުރީގެ ދަރިވަރުންނާއި، މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެ ވަަޑައިގެންނެވިއެވެ. އޭގެތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ޓީޗަރުންވެސް މިރޭގެ މެޗް ބައްލަވާ ލެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާއިރު، ގިނަ ހަރަކާތްތަކެއް ކުރިއަށްވެސް ވަނީ ރާވައިފައެވެ.

އަމީނިއްޔާ ސްކޫލްގައި ކިޔަވައިދޭންފެށީ 1944 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ 28 ގައި އެ ސްކޫލަށް 75 އަހަރު ފުރޭނެއެވެ.