ޚަބަރު

މާލޭ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރަނީ

މާލޭ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރުމުގެ ހަރަކާތެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 18 ވަނަ ދުވަހު މާލޭ ސަރަހައްދުގެ ކޯބާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ގޮސް އެތަންތަން ބަލައި ފާސްކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ ހާއްސަ އިންސްޕެކްޝަން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ހުޅުމާލެ ހޮސްޕިޓަލް އަދި ކަމާގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.