ޚަބަރު

ސްކައުޓުންނަކީ ޒިންމާ އަދާކުރާ، އެކަކު އަނެކަކަށް އޯގާތެރިވާ ބަޔަކަށް ވާނެކަމަށް އުއްމީދު ކުރަން: ރައީސް

ހުރިހާ ސްކައުޓް ދަރިވަރުންވެސް އެކުދިންގެ އާއްމު ދިރިއުޅުމުގައި ޒިންމާ އަދާކޮށް، އެކަކު އަނެކަކަށް އޯގާތެރިވާ ކުދިންތަކެއް ކަމުގައިވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއެވެ.

ރައީސް މިހެން ވިދާޅުވީ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން މިރޭ ބޭއްވި ވުޑް ބެޖް ރިޔޫނިޔަން ބެންކުއެޓް ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ސްކައުޓްގެ ހަރަކާތްތައް ރާއްޖޭގައި ފެށިފައިވަނީ މީގެ 60 އަހަރު ކުރިން ކަމުގައެވެ. އަދި އެކަމުގެ ސަބަބުން އެދުވަސްވަރުގެ ވަރަަށް ގިނަ ދިވެހިންގެ ގައިގައި އިޖްތިމާއި ސިފަތައް އަށަގެންނެވުމަށް، ސްކައުޓްގެ ބައިވެރިވުން ވަރަށް މުހިއްމު ދައުރެއް އަދާކުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ދިވެހި ރާއްޖެ ތަރައްގީކުރުމަށް ގަސްތުކުރަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ގެއްލުންނުވާނެ ގޮތުގެމަތިންކަމުގައެވެ. އެއީ އަންނަ އޮތް ޖީލާއި ހާއްސަކޮށް ކުރިމަގުގައި އަންނާނެ ސްކައުޓުން އެކަންތައްތަކުގެ އަގުވަޒަންކޮށް އެތަންތަނުން އުފާ ހާސިލު ކުރުމުގެ ގޮތުންކަމުގައެވެ.

ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ގެއިން ބޭރުގައި ބޭއްވޭ ހަރަކާތްތައް ނުވަތަ، އައުޓްޑޯގެ ހަރަކާތަކަކީ ސަރުކާރުން ވަރަށް ބޮޑަށް ތަރުހީބުދޭ ހަރަކާތްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހަފްލާގައި ރައީސްވަނީ ސްކައުޓުގެ ދަރިވަރުންނަށް ބެޖް ހަވާލުކޮށްދެއްވައިފައެވެ.