ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި 13 މެންބަރަކު ސޮއި އަނބުރާ ގެންދެވުމުން އެ މައްސަލަ ބާތިލުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕު (ޕީޖީ) ލީޑަރު، ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާތީ، އެކަން ރައްޔިތުންގެ މަޖިލީހަށް މިހާރު ދަންނަވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުންގެ ތެރެއިން ސޮއި އަނބުރާ ގެންދެވި މެމްބަރުން ފޮނުއްވި ސިޓީ ވަނީ "ވަން" އަށް ލިބިފައެވެ. ސޮއި އަނބުރާ ގެންދިޔަ މެމްބަރުންގެ ތެރޭގައި މޫސާ ސިރާޖުގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހިމެނިވަޑައިގަންނަވައެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން ސޮއި ކުރައްވާފައި ހުށަހެޅުއްވުމުންނެވެ. އެއީ 20 މެންބަރުންނެވެ.
ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ޕީޖީ ގްރޫޕުން މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 23 މެންބަރެއްގެ ސޮޔާއެކުއެވެ. އޭގެ ތެރެއިން 13 މެމްބަރަކު ސޮއި އަނބުރާ ގެންދެވުމުން، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އަދަދު މިހާރު ވަނީ ގެއްލިފައެވެ.