ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ގައި - ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާތިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން(އީސީން) ހުޅުވާލައިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅޭނެ ކަމަށެވެ. ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އެ ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނިކަމަށެވެ.
މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ)ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެކަމަށްވެސް އިއުލާނުގައި ވެއެވެ.
ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންކަމަށާއި އެ ގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ މިއަދު ހެނދުނު 08:30 އިން ފެށިގެން މާދަމާގެ ހަވީރު 04:00 ގެ ނިޔަލަށްކަމަށެވެ. އަދި އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ބަހައްޓިފައިވާ ކައުންޓަރުތަކުން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށްކަމަށް އީސީން ބުނެއެވެ.
އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށްވެސް އީސީގެ އިއުލާނުގައި ވެއެވެ.