ޚަބަރު

ރައީސްގެ އިގުތިސާދީ ފިޔަވަޅުތަކަށް އައިއެމްއެފް: އެއީ ވަރުގަދަ އަދި ހިތްވަރުގަދަ ނިންމެވުންތަކެއް

ދުބާއީ އިން (މުހައްމަދު ސިމާއު، ވަން އޮންލައިން)

ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ވަރުގަދަ އަދި ހިތްވަރުގަދަ ފިޔަވަޅުތަކެއްކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ފާހަގަކުރައްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ދުބާއީގައި ކުރިއަށްދާ އިންޓަނޭޝަނަލް ގަވަރުމެންޓް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިރު، އެ ސަމިޓުގެ ތެރެއިން އައިއެމްއެފްގެ ޑިރެކްޓަރު ޖެނެރަލް ކްރިސްޓަލީނާ ގޯޖީވާ މިއަދު ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޝަފީގުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގެ ތަފުސީލެއް ރައީސް އޮފީހުން އަދި ހާމަނުކުރި ނަމަވެސް ފިނޭންސް މިނިސްޓަރު ޝަފީގު މިރޭ "ވަން" އަށް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރެއްވުމަށް ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތީން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ވަރުގަދަ އަދި ހިތްވަރުގަދަ ފިޔަވަޅުތަކެއްކަން އައިއެމްއެފުން ފާހަގަކުރެއްވި ކަމަށެވެ.

"އައިއެމްއެފުން ވަނީ މިހާރު ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަނެވި ރާއްޖެއިން މާ ވަރުގަދަކޮށް އިގުތިސާދީ އިތުރު ތަރައްގީގެ މިސްރާބަށް ދަތުރުކުރަން ފެށޭނެ ކަމަށް ބުނެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް އައިއެމްއެފުން ތައުރީފު ކުރި އިރު، އެ ޖަމިއްޔާގެ އޮފިޝަލުން ރާއްޖެއަށް ކުރެއްވި ޒިޔާރަތަށްފަހު ޝާއިއުކުރި އިކޮނޮމިކް ޑިވްލޮޕްމަންޓް އައުޓްލުކް ހަތަރު ވަނަ އަދަދުގައިވެސް ދިވެހި ސަރުކާރުން ގެންނަމުންދާ މާލީ އިސްލާހުތަކަށް މަރުހަބާ ކިޔާފައިވެއެވެ.

އެ ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށް، މަރުހަބާ ކިޔާފައިވަނީ ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅުކޮށް އިގުތިސާދު ހަރުދަނާ ކުރަން ސަރުކާރުގެ އިދާރާތަކުން އަޅަން ފަށާފައިވާ ފިޔަވަޅުތަކަށެވެ.

އެގޮތުން ސަބްސިޑީ އާއި އާސަންދަ ނިޒާމު ހަރުދަނާކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ހާއްސަ ކުރަން ސަރުކާރުން ނިންމާފައިވުމާއި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭނެ ތަރުތީބެއް އެކުލަވާލުމަށް ސަރުކާރުން ނިންމާފައި ނިންމުމަށް އަދި ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ.

އައިއެމްއެފުގެ އިކޮނޮމިކްސް ޕިޔާޕޯން ސޮޑްސްރިވިބޫން އިސްކޮށް ހުންނަވައި ނެރުއްވި އެ ރިޕޯޓުގައިވާ ރާއްޖޭގެ އިގުތިސާދު މިހާރު ވެއްޓިފައިވާ ވަޅުގަނޑަކަށް ވެއްޓުމުގެ އަސްލު ކަމަށްވާ ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމާފައިވާތީ އެ ނިންމުމަށް ދިވެހި ސަރުކާރަށް މަރުހަބާ ކިޔާފައިވެއެވެ.