ޚަބަރު

ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އިމާމުން އަންނަ ހުކުރު ދުވަހު މައްކާއަށް ފުރަނީ

މުހައްމަދު އިޝާން

ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް ބައެއް އިމާމުންނާއި ހަތީބުން އަންނަ ހުކުރު ދުވަހު ސައުދީ އަރަބިއްޔާގެ މައްކާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމާމުންނާއި ހާތިބުން ތަމްރީނު ކުރުމުގެ ދެވަނަ ޕްރޮގްރާމުގައި ބައިވެރިވުމަށް ބައެއް އިމާމުން ޝައްވާލު މަހުގައި ފުރާނެ ކަމަށެވެ.

އިމާމުން ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މިއަހަރުގެ ތެރޭގައި މިސްރު، މެލޭޝިއާ، ބުރޫނާއި އަދި އިންޑަނޭޝިއާ ވެސް ފުރާނެ ކަމަށް ޝަހީމު ވިދާޅުވިއެވެ.

އިމާމުން ތަމްރީނު ކުރުމަށް ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ޝަހީމު ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އިމާމުން ތާޒާކުރުމަށް ޖުމުލަ ނުވަ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަން، އިސްލާމިކް މިނިސްޓްރީގެ މިއަހަރުގެ އެކްޝަން ޕްލޭންގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އަގީދާއާއި އަހުލާގު، ތަޖުވީދުގެ ފަލްސަފާޔާއި ތަގުވީދީބައި، އިމާމުންގެ އަހުލާގު ބިނާކުރުން، އަޅުކަމުގެ ފިގުހު، ހަދީސާއި އިސްލާމީ ސަގާފަތް، ނަމާދާ ބެހޭ ފިގުހީ ބައިތަކާއި އޭގެ މަހުދަލުތައް ކިޔަވައިދިނުމުގެ އިތުރުން ގުރުއާނާ ބެހޭ އިލްމު ހިމެނެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ އެ ޕްރޮގްރާމުތަކުގެ މައިގަނޑު ބޭނުމަކީ މިހާރު މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި ބައެއްގެ ގޮތުގައި ހިމެނުން ކަމަށާއި ހަމައެކަނި ސެޓްފިކެޓް ކޯސް ހަދާފައި ތިބޭ ތިބުން ނިމުމަކަށް ގެނައުން ކަމަށެވެ. އަދި އިމާމުންނަކީ އިލްމީގޮތުން ފުންނާބުއުސް މައުލޫމާތު ހުރި، އިލްމުވެރިން މެދުވެރިކޮށް އުނގަންނައިދެވިފައިވާ ވަރުގަދަ ޝަހުޝިއްޔަތުތަކަކަށް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެފައިވެއެވެ.

"ހުތުބާ ކިޔަމުން ދާއިރުގައިވެސް މުސްލިމު އަހުންނޭ ބުނާ ވަގުތު އެއްވެ ތިބި މީހުންނާއި ދިމާލަށް ބަލައިލުމަކީވެސް ހުތުބާ ކިޔުމުގެ ހުނަރެއް. ތާޒާ ކުރުމުގެ ޕްރޮގްރާމަކީ ފަސްދުވަސް ނުވަތަ ހަ ދުވަހު ބޭއްވި ނަމަވެސް ކޮންމެ މީހަކީވެސް ސެޓްފިކެޓް ލެވެލް ނުވަތަ ފައުންޑޭޝަން ނުވަތަ ޑިޕްލޮމާ ކޯހެއްގައި ލިބޭ މައުލޫމަތުތަކަށްވުރެ އެތައް ގިނަ މައުލޫމާތުތަކެއް ﷲ އިރާދަކުރެއްވިއްޔާ ލިބޭނެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޝަހީމް ވިދާޅުވެފައިވަނީ އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު ފަށާނީ ހުވަދު އަތޮޅުގައި ކަމަށާއި އެ ޕްރޮގްރާމުގައި 77 އިމާމުން ބައިވެރިވާނެ ކަމަށެވެ. އަދި މިއަހަރު ނިމޭއިރުގައި ރާއްޖޭގައި މިހާރު ތިބި ހުރިހާ އިމާމުން ވެސް އެ ޕްރޮގްރާމް ނިންމާފައި ތިބި ބައެއްގެ ގޮތުގައި ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޑިގްރީ ހަދާފައި ތިބި އިމާމުންނަށް މާސްޓާސް ހަދަން ސްކޮލަޝިޕްގެ ފުރުސަތު އަދި މަސްޓާސް ނިންމަވާފައިވާ ބޭފުޅެއް ވެއްޖެއްޔާ ޕީއެޗްޑީއަށް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އިމާމުން ތާޒާކުރުމަށް ފުރަތަމަ މާސްޓާސް ހަދަން އެ ފުރުސަތު ދޭނެ ކަމަށާއި އިމާމުންގެ މުސާރައަށް ވެސް ރަނގަޅު ބަދަލެއް ގެންނަން މަސައްކަތްކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

އިމާމުންނާ ގުޅޭ ތަމްރީނުތަކުގެ މުޝްރިފަކަށް (އިސްމީހަކަށް) ހުންނަވާނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފު ކަމަށް ޝަހީމު ވިދާޅުވެފައިވެއެވެ.