ޚަބަރު

އަތޮޅު ކައުންސިލެއްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެނެއް، ފެލިދޫ ކައުންސިލުގެ ރައީސަކަށް ބުޅިކެ

އަތޮޅު ކައުންސިލެއްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފިއެވެ.

މިއަދު ބޭއްވި ފ. އަތޮޅު ކައުންސިލުގެ ރައީސް އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ހައްވާ އަބްދުލްއަޒީޒެވެ.

ހައްވާ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ހަލީލްއާ ވާދަކޮށްގެންނެވެ. ހައްވައަށް 941 ވޯޓު ލިބިވަޑައިގެންނެވި އިރު، ހަލީލަށް ލިބިވަޑައިގެންނެވީ 888 ވޯޓެވެ. އެ އިންތިހާބުގައި 1881 މީހަކު ވޯޓުލީ އިރު، ބާތިލުވެފައިވަނީ 52 ވޯޓެކެވެ.

ވ. ފެލިދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރެއްވީ މިހާރު ވެސް ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި ގައުމީ ވޮލީބޯޅަ ޓީމުގެ ސެޓަރުގެ ގޮތުގައި މަޝްހޫރުކަން ހޯދި ހުސައިން ވިޝާމް (ބުޅިކެ) އެވެ.

ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ބުޅިކެ ނުކުތް އިރު، ދެން ވާދަކުރީ އަމިއްލަގޮތުން ނުކުތް އަބްދުއްޝަކޫރު އިބްރާހީމެވެ. ބުޅިކެއަށް 200 ވޯޓު ލިބިވަޑައިގެންނެވި އިރު، ޝަކޫރަށް ލިބިވަޑައިގެންނެވީ 106 ވޯޓެވެ. އެ އިންތިހާބުގައި ޖުމުލަ 317 މީހަކު ވޯޓުލީ އިރު، ބާތިލުވީ 11 ވޯޓެވެ.