ޚަބަރު

ސީލައިފްގެ ޚިޔާނާތުގެ މައްސަލާގައި އަވަހަށް އިންސާފު ހޯދަައިދިނުމަށް އެދި ހިނގާލުމެއް ބާއްވަނީ

ސީލައިފްގެ މައްސަލާގައި އަވަހަށް އިންސާފު ހޯދަައިދިނުމަށް އެދި ގޮވާލައި ހިނގާލުމަށް ނިންމައިފިއެވެ.

މި ހިނގާލުން އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ބޭފުޅެއް އަދި ސީލައިފްގެ ޚިޔާނާތުގެ މައްސަލާގައި ގެއްލުން ލިބުނު ފަރާތެއް ކަމުގައިވާ ނަފާ ނަސީރު "ވަންއޮންލައިން"އަށް މައުލޫމާތު ދެމުން މިއަދު ބުނީ މިހިނގާލުމަކީ، ސީލައިފުގެ ޚިޔާނާތުގެ މައްސަލާގައި ގެއްލުން ލިބުނު އާއިލާތަކުން އިންތިޒާމުކޮށްގެން ބާއްވާ ހިނގާލުމެއް ކަމަށާއި މިހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ 4:30 ގައި އެޗްޑީސީގެ ކުރިމަތިން ކަމަށެވެ. އަދި ނިންމާލުމަށް ހަމަޖެހިފައިވަނީ ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ކުރިމަތިން ކަމުގައެވެ.

ނަފާ ބުނީ ސީލައިފްގެ މައްސަލާގައި އެޗްޑީސީގެ ފަރާތުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ގަބޫލު ކުރާކަމަށާއި މި ހިނގާލުން އެޗްޑީސީގެ ކުރިމަތިން ފެއްޓުމަށް ނިންމި ސަބަބަކީ އެއީ ކަމުގައެވެ.

ނަފާ އިތުރަށް ބުނީ ސީލައިފްއިން ހައުސިން ޔުޓިޓްތައް ގަތުމަށް ޓަކައި ގިނަ ފަރާތްތަކުން ފައިސާ ދެއްކުމަށް ބޮޑެތި އަދަދުތަކުން ލޯނު ނަގައި އަދި ގެ މޯގޭޖުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ޚިޔާނާތުގެ މައްސަލާގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ހިނގާލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިކަމަށް އަވަހަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލުން ކަމުގައެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. މި ފުލެޓްތައް ގަތުމަށްޓަކައި ގިނަ ބަޔަކު ވަނީ ސީލައިފްއަށް ގިނަ އަދަދަކުން ފައިސާ ދައްކާފައެވެ. ނަމަވެސް އެތައް އަހަރެއް ވީ އިރުވެސް އެ ފުލެޓްތައް ނޭޅުމުގެ ސަބަބަބުން ފައިސާދެއްކި ފަރާތްތަކުންވަނީ އެ ފައިސާ އަނބުރާ ދިނުމަށް އެދިފައެވެ.