ތިލަމާލެ ބުރިޖުގެ 33 ޕަސަންޓް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް މިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބުރިޖު މަޝްރޫއުގެ މަސައްކަތް ބެލުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވަނީ މަސައްކަތްކުރާ ސަރަހައްދަށް ޒިޔާރަތްކޮށްފައެވެ.
އެ ސަރަހައްދަށް ވަޑައިގެންނެވި ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބުރިޖު މަޝްރޫއުގެ ޕައިލިން މަސައްކަތުގެ 54.4 ޕަސަންޓް ނިމިފައިވާ ކަމަށެވެ.
"މުޅި މަޝްރޫއުގެ 33.4 ޕަސަންޓް މަސައްކަތް ވަނީ ނިމިފައި. މި މަޝްރޫއުގެ މަސައްކަތް މިހާރު ހުރީ ތާވަލާ އަޅައި ބަލާއިރު 1.2 ޕަސަންޓް ކުރީގައި. މިނިސްޓްރީން ދަނީ މި މަޝްރޫއު ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އަޅަމުން،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން އޮތީ ދައުރު ހަމަވުމުގެ އެއް ދުވަސް ކުރިން އެފްކޮންސްއާއެކު ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށާއި އެ އެއްބަސްވުމުގެ ދަށުން މިހާރު ތިލަމާލެ ބުރިޖުގެ މަސައްކަތް ނިންމަންޖެހޭ ތާރީހަކީ 30 ސެޕްޓެމްބަރު 2026 ކަމަށެވެ.
އެ އެގްރީމެންޓުގެ ދަށުން ޕްރޮޖެކްޓުގެ ސެކްޝަން އޭ ކަމަށްވާ މާލެ އާއި ވިލިނގިލި ގުޅާލާ ބުރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 31 މެއި 2026 ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ނަމަވެސް 31 ޑިސެމްބަރު 2025 އަށް އެބައި ނިންމުމަށް ކޮންޓްރެކްޓު ނުކޮށް، އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ މަސައްކަތް ނިންމާ މުއްދަތު އިތުރުވި ނަމަވެސް ޕްރޮޖެކްޓަށް ފައިސާ އިތުރަށް ހަރަދު ނުވާނެ ކަމަށެވެ. އަދި ކުރިން ލަފާކުރި ގޮތާ ހިލާފަށް މަސައްކަތް ކުރިއަށްދާނީ ލަސް ސްޕީޑެއްގައި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މަސައްކަތްތައް އަވަސްކުރަން، މިހާރު މި އޮތް ޝެޑިއުލުން ކައްސާނުލައި މަސައްކަތް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.