ޚަބަރު

ކަސްޓަމްސްގެ އޮޓޮމޭޓަޑް އެއާކާގޯ ކްލިއަރަންސް އިފްތިތާހުކޮށްފި

ފާތިމަތު ލިޔުޝާ

ކަސްޓަމްސްގެ އޮޓޮމޭޓަޑް އެއާކާގޯ ކްލިއަރަންސް އިފްތިތާހުކޮށްފިއެވެ.

މިއަދު އިފްތިތާހު ކުރި އޮޓޮމޭޓަޑް ކާގޯ ކްލިއަރަންސް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ރާއްޖެއިން ބޭރުން ގެންނަ މުދާ އަވަހަށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހަމަޖެއްސި ކަމެކެވެ.

މިއަދު ކަސްޓަމްސްގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ވިހާވެސް ލުއިފަސޭހަ، އަވަސް ހިދުމަތެއް ލިބޭނެ އިންތިޒާމު ކޮންމެ މުއައްސަސާއެއްގައިވެސް ހަމަޖެއްސުން ކަމަށެވެ. އެގޮތުން ކަސްޓަމްސްގެ މިއަދުގެ އެންމެ ބޮޑު ކާމިޔާބީއަކީ މެނުއަލް ނިޒާމެއްގެ ތެރެއިން، ގިނަ ވަގުތުތަކެއް ހިދުމަތް ހޯދާ ފަރާތްތަކުން ހޭދަކޮށްގެން، ދެ ދުވަހުން ފުރިހަމަކުރެވެމުން އައި ހިދުމަތެއް ފުލީ އޮޓޮމޭޓްކުރެވި، ދެ ގަޑިއިރުން ދެވޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައި، ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުއި ފަސޭހައެއް ގެނެސްދެވުން ކަމަށެވެ.

ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު އަދި މެނޭޖްމަންޓުން ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށްޓަކައި މިނިސްޓަރު ޝުކުރު ދެންނެވިއެވެ. އޭގެ އިތުރުން އެފަދަ ކަންކަން ކާމިޔާބުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރާ އޭޖެންސީތަކުގެ މުހިންމު ދައުރު ފާހަގަކުރައްވައި، މިއަދު އިފްތިތާހުކުރެވުނު ނިޒާމު ގާއިމުކުރުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖްމެންޓުން ދެއްވި އެއްބާރުލުމަށް ވެސް ޝުކުރު ދެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ އަބްދުﷲ ވަހީދު ވިދާޅުވީ، ސަރުކާރުގެ 14 ހަފުތާގެ މަގުޗާޓުގައި ކަސްޓަމްސް ކޮންޓްރޯލް އަދި ޓްރޭޑް ފެސިލިޓޭޝަން ދާއިރާއިން ކަސްޓަމްސް އިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށްޓަކައި އެކުލަވައިލެވުނު ޕްރޮޖެކްޓުތަކުގެ ތެރެއިން މިއަދު އިފްތިތާހުކުރެވުނު އެއާކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް މެކޭނިޒަމް ހިދުމަތް ދޭން ފެށުމަކީ ކަސްޓަމްސަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

އެ ޕްރޮޖެކްޓުގެ އިތުރުން، މިދިޔަ މަހުގެ 29 ވަނަ ދުވަހު 14 ހަފުތާގެ މަގުޗާޓުގައި ހިމެނޭ އޭއީއޯ ޕްރޮގްރާމު އިފްތިތާހުކޮށް، މުދާ ގިންތިކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމު ގާއިމުކުރެވިފައިވާ ކަމަށާއި އެ ޕްރޮޖެކްޓުތަކުގެ އިތުރުންވެސް މުހިންމު ގިނަ ކަންތައްތަކެއް 14 ހަފުތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކަސްޓަމްސް އޮފިސަރުން އަބަދުވެސް ސާބިތުވެ ތިބޭނީ ސަރުކާރުގެ ޕޮލިސީތަކަށް ފުރިހަމައަށް އެއްބަރުލުން ދޭ އަދި ކަސްޓަމްސްގެ މަސައްކަތް އެއްދަވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަތިވެރި އަޒުމުގައި ކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

ވީއައިއޭ މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުމާ ގުޅޭގޮތުން ކަސްޓަމްސް އިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ޒަމާންވީ މެނުއަލް ޕްރޮސެސްތަކެއް ބޭނުންކޮށްގެން ފޯރުކޮށްދެމުންދާ ހިދުމަތްތަކެކެވެ. އެއާކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު ގާއިމުކުރުމާއެކު، ހިދުމަތްތައް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކަސްޓަމްސް އިން ދެކެއެވެ. އޭގެ އިތުރުން ޕްރޮސެސްތައް ޓްރާންސްޕޭރަންޓުވެ، ހަމަހަމަގޮތެއްގައި ރެންޑަމްކޮށް އޮފިސަރުންގެ މެދުގައި ޑިކްލަރޭޝަން ފޯމުތައް ކަނޑައެޅި، ހިދުމަތް ހޯދާ ފަރާތްތަކަށް އެއް ހަމައަކުން ހިދުމަތް ލިބޭކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.