ޚަބަރު

4،000 ފްލެޓް ލިބުނު މީހުނަށް ފްލެޓް ހަވާލުކުރަން މަޖިލިސް މެންބަރުން ގޮވާލައިފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބުނު އެންމެނަށް ވީ އެންމެ އަވަހަކަށް ފްލެޓްތައް ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަަށް ގޮވާލައްވައިފިއެވެ.

މެންބަރުން އެކަމަށް ގޮވާލެއްވީ، އެ ފްލެޓްތަކަށް ހޮވުނު މީހުންނަށް ފްލެޓް ހަވާލުކުރުން އަވަސް ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައެވެ.

އެ މައްްސަލަ ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލު ނުވެ އޮތް މުހިންމު މައްސަލައެއް ކަމަށެވެ. އެހެން އެކަން އޮއްވައި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމުން އެތައްހާސް އާއިލާއަކަށް ރީތި ސާދާ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ފޮނި އުއްމީދު ލިބުނު ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެކި ސަބަބުތަކާހުރެ ފްލެޓްތައް ދޫކުރުން ލަސްވެގެން ދިއުމުގެ ސަބަބުން ފްލެޓްތަކުގެ ހައްގުވެރިންނަށް ގެއްލުން ލިބެމުންދާކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، އެ މައްސަލައިގައި ފްލެޓްތައް ދީފައިވާ ގޮތާމެދު ގިނަ ޝަކުވާތަކެއް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަމުގެ ތަހުގީގެއް ހިންގާފައިވާއިރު، ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ، އެއްވެސް މައްސަލަ ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި ފްލެޓްތައް ދޫކުރަންޖެހޭ ކަމަށެވެ.

އަދި އެކަމަކީ ދަތި ހާލުގައި އާއިލާ ބިނާ ކުރަމުންދާ ފަރާތްތަކުގެ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް އެންމެ މުހިއްމު އެއްކަމުގެ ގޮތުގައި ދެކި، ވީ އެންމެ އަވަހަކަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އެ މައްސަލައިގައި އީވާ ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

މި މައްސަލައިގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ ވީހާ އަވަހަކަށް ފްލެޓްތައް ހަވާލު ކުުރުމަށް ގޮވާލައްވައިފައެވެ.