ޚަބަރު

ރައީސް ދެއްވީ ބުރުނީ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން!

އަލީ ޔާމިން

ތ. ބުރުނީން (ޢަލީ ޔާމީން، ވަން އޮންލައިން)

މި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދެެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް، ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ރަަށަށް މިއަދު ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މި ރަށުގެ ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ރަށުގެ އާއްމު ދިރިއުޅުމާއި ލޯކަލް ޓޫރިޒަމަށްވެސް ގެއްލުންތަކެއްވަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ރަށުގައި ލޯކަލް ޓޫރިޒަމްގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދާއިރު، މި ރަށުގެ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމަކީ ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ.

"މިހާރު ހުއްޓިފައި އެ އޮތް މަޝްރޫއު އަޅުގަނޑު ބަލާނަން ހަމަ ވީހާވެސް އަވަހަކަށް ފެށި އަވަހަށް ނިންމުމަށްޓަކައި ސަރުކާރާއި ކުންފުންޏާ ވާހަކަދައްކައިގެން އެ ކުރަންޖެހޭ ކަންކަން ކުރެވި އިރާދަކުރެއްވިއްޔާ އަަވަހަށް ކުރިއަށް ގެންގޮސް ރައްޔިތުން ބޭނުންވާ ގޮތަށް ނިންމައި ދިނުން، އެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ރަށުގެ ބަނދަރުގެ އަޕްގްރޭޑިންގެ މަސައްކަތްތައްވެސް ކޮށްދެއްވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރި ނަމަވެސް އަމަލީ މަސައްކަތް ނުފެށި އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިގުތިސޯދީ ހާލަތު ރަނގަޅުވަމުން އަންނަ ވަރަކަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖާގަ ލިބެމުންދާނެ ކަމަށެވެ.