މުހައްމަދު ޖަމީލް މިސްކިތުގެ މަސައްކަތެއްގައި އުޅެނިކޮށް އެތަނުގެ ދެވަނަ ބުރިން ވެއްޓުނު މުސްތަފާ އަޒްމީ ނިޔާވެއްޖެއެވެ.
އެސްޓީއޯގައި މަސައްކަތްކުރާ އަޒްމީ މިރޭ 11:00 ހާއިރު ނިޔާވިކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އަމްރު ވިދާޅުވީ އެ ހާދިސާއަށް ފަހު ރާއްޖެއިން ބޭރަށް ގެންގޮސް، އަޒްމީއަށް ދެވޭނެ ފަރުވާއެއް ނެތިގެން މިރޭ ރާއްޖެ ގެނައި ތަނުން ނިޔާވެފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު މުހައްމަދު ޖަމީލް މިސްކިތުގެ ދެވަނަ ބުރިން ވެއްޓުނު ހާދިސާއާ ގުޅިގެން އަޒްމީގެ މޭގެ ތިން ކަށިގަނޑެއް ބިންދައިގެން ގޮސް، ފުއްޕާމެއަށް ހެރުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ވަނީ ދަތިތަކެއް ދިމާވެފައެވެ. އޭގެ އިތުރުން އޭނާގެ ބޮލަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އަޒްމީ ރަނގަޅުވާނެ ކަމުގެ އުންމީދު ކަނޑާލާފައިވަނިކޮށް، އާއިލާ އިން ވަނީ އޭނާ އިންޑިއާގެ ބެންގަލޫރަށް ގެންގޮސްފައެވެ. ނަމަވެސް އެތަނުން ވެސް ދެވޭނެ އިތުރު ފަރުވާއެއް ނެތިގެން އޭނާގެ އާއިލާ އިން ނިންމީ އެނބުރި ރާއްޖެ ގެނައުމަށެވެ.
އެސްޓީއޯގައި މަސައްކަތްކުރައްވާތާ 25 އަހަރުވެފައިވާ އަޒްމީއަކީ އެ ކުންފުނީގެ އިންފޮމޭޝަން އެންޑް ޓެކްނޮލީގެ ހެޑެވެ.