އޭއެމްޑީސީ ކްލިނިކް ކައިރީ ދެ ބިދޭސީންގެ ދެމެދުގައި މާރާމަރީ ހިންގައިފި އެވެ.
މިރޭ ހިންގި މި މާރާމާރީގައި ދެ މީހުންނަށް އަނިޔާވުމުގެ ސަބަބުން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު މުފީދު ވަނީ ''ވަން އޮންލައިން''އަށް ކަށަވަރުކޮށްދެއްވައިފައެވެ.
މުފީދު މައުލޫމާތު ދިން ގޮތުގައި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ދެ މީހުންގެ ތެރެއިން 25 އަހަރުގެ މީހާއަށް އަންނަނީ އެމަޖެންސީގައި ފަރުވާދެމުންނެވެ. އަދި ދެން ޒަހަމްވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، ނަމަވެސް އަދި ހޮސްޕިޓަލުން ދޫކޮށްނުލާ ކަމަށް މުފީދު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ ބަންގުލަދޭޝް ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ 10:27 ހާއިރު ލިބިފައިވާ ކަމަށާއި ޒަހަމުވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅި ޖަހައިގެން ހިންގި މި މާރާމާރީގައި ހަމަލާ ދިނުމަށް ފަހު އެކަކު ވަނީ ފުލުހުންނަށް ފިލުމުގެ ގޮތުން އީވްނިންގް މާޓް ކައިރި ގެއަކަށް ވަދެފައެވެ. އަދި އެމީހާ ޒަހަމްވީ ފުލުހުންނަށް ފިލުމަށް އެ އިމާރާތުގެ ތިންވަނަ ފަންގި ފިލާއިން ފުއްމާލުމުން ކަމަށް މައުލޫމަތު ލިބެއެވެ.