ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ޔުގަންޑާގެ ކެމްޕާލާއަށް ކުރެއްވި ދަތުރުގެ ތަފުސީލު ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނުގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ނައިބް ރައީސް ހުސެއިން މި މަހުގެ 17 އިން 23 އަށް ޔުގަންޑާއަށް ކުރެއްވި ދަތުރަކީ އެ ގައުމުގައި ބޭއްވި ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ (ޖީ77)ގެ ދަށުން ބޭއްވި ތިންވަނަ ސައުތް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.
ރައީސް އޮފީހުން މިއަދު އާންމުކޮށްފައިވާ އެ ދަތުރުފުޅުގެ ހަރަދުގެ ތަފުސީލަށް ބަލާއިރު 983،032 ރުފިޔާ 13 ލާރިއެވެ. އަދި ޔުގަންޑާ ސަރުކާރުން ދެ ބޭފުޅެއްގެ އެކޮމަޑޭޝަން ހަރަދު ހަމަޖައްސައި ދެއްވި ކަމަށް ބުނެފައިވެއެވެ.