މިޔަރެއް ހަމަލާދީ މީހެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
މަސްވެރި އިހަވަންދޫގެ އެފްބީ ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ހއ. އަތޮޅުން ފާނަ މަސްވެރިކަން ކުރަމުންދިޔަ، ފ. ފިއަލީ ދޯންޏެއްގައި ހުރި ދިވެއްސަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އެމީހާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.
އެމީހާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންގޮސްފައިވަނީ ހއ. ހޯރަފުށި ހެލްތު ސެންޓަރަށެވެ. އެ ހެލްތު ސެންޓަރުން "ވަން" އަށް ބުނީ މިއަދު ހެނދުނު 10:00 ހާއިރު މިޔަރެއް ހަމަލާދީގެން ދިވެއްސަކު އެ ސެންޓަރަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ސެންޓަރުން ފަރުވާ ދިނުމަށްފަހު އެމީހާ އިތުރު ފަރުވާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ.
ނަމަވެސް ކުޅުދުއްފުށި ހޮސްޕިޓަލުން ފޯނަށް ޖަވާބުދީފައިނުވާތީ މިކަމާ ގުޅޭ އިތުރު ތަފްސީލް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މިއަދު އިތުރު މީހަކަށް މިޔަރެއް ހަމަލާދީފައިވާ އިރު، މިދިޔަ އާދިއްތަ ދުވަހުވެސް ވަނީ ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަން އުޅުނު ބަޔަކަށް މިޔަރެއް ހަމަލާ ދީފައެވެ.