ޚަބަރު

އެމްޓީސީސީ އެކްސްޕޯ ސްޓޯލަށް ޒިޔާރަތްކޮށްގެން އައިފޯން 15 ހޯދުމުގެ ފުރުސަތު

ފާތިމަތު ލިޔުޝާ

ރާއްޖޭގެ އެންމެ ބޮޑު ކަނޑުދަތުރުގެ ފެއާ، މޯލްޑިވްސް މެރިން އެކްސްޕޯގައި މިފަހަރުވެސް އެމްޓީސީސީ ބައިވެރިވެ، އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް އައިފޯން 15 ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2024"ގައި އެ ކުންފުނިން ޖުމުލަ ހަ ސްޓޯލު ބަހައްޓާފައި ހުންނާނެ ކަމަށެވެ.

އެ ކުންފުނީގެ ސްޓޯލުތައް ހުންނާނީ، ކޭ1، ކޭ2، ބީ1، ބީ2، ބީ3، އަދި ބީ4 ގައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އެ ސްޓޯލުތަކަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޭނެ ކަމަށާއި އައިފޯން 15 ލިބޭ ފަރާތް އިއުލާނުކުރާނީ އެކްސްޕޯގެ އެންމެ ފަހު ދުވަހުގައި ކަމަށެވެ.

އެމްޓީސީސީގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު މައިލާން "ވަން" ވިދާޅުވީ، މިއަހަރު އެ ކުންފުނީގެ ސްޓޯލުގައި އެންމެ އިސްކަމެއް ދެނީ ޔަމަހާ އަދި ސުޒުކީ އިންޖީނަށް ކަަމަށާއި އޭގެ އިތުރުން އެ ކުންފުނިން ވިއްކާ ކާސްޓްރޯލް އަޑީތެޔޮ ޑިސްޕްލޭގައި ފެންނަގޮތަށް ހުންނާނެ ކަމަށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މިދިޔަ އަހަރުގެ އެކްސްޕޯގައި 100 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ.