ޚަބަރު

ގުރައިދޫ އެއާޕޯޓު މަޝްރޫއު މިއަހަރު ފަށާނަން: ރައީސް

އަލީ ޔާމިން

ތ. ގުރައިދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

މި ރަށުގެ އެއާޕޯޓު މަޝްރޫއު މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އަށް ފަހު، ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ މުހިންމު މަޝްރޫއުތައް ބަޖެޓުން އުނިކޮށްފައިވާ ކަމަށާއި އެގޮތުން ފުށިދިއްގަރުފަޅަކީ އޭގެން އެއް މަޝްރޫއު ކަމަށެވެ.

"ބަޖެޓުން އުނިކުރިޔަސް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތްގޮތް ހުންނާނެ ކަން އިރާދަކުރެއްވިއްޔާ އެ މަޝްރޫއުން (ފުށިދިއްގަރުފަޅު މަޝްރޫއު) އިން ވެސް ފެނިގެން ދިޔަ. އެ މަޝްރޫއު އަޅުގަނޑުމެން ވާނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ރަށުގައި އެއާޕޯޓެއް ހެދުމަކީ މި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށާއި މި ރަށުގެ އެއާޕޯޓު ހެދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

"ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ރަށަށް ބޭނުންވާ އެހެން ކަންކަންވެސް އެބަހުރި ކަމަށާއި ނަމަވެސް ތަރުތީބަކާއެކު މި ރަށަށް ބޭނުންވާ ހުރިހާ ކަމެއްވެސް ފުއްދައިދެއްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މި ރަށަށް ވަޑައިގެން ރައީސް ވަނީ މި ރަށުގައި އެއާޕޯޓެއް ތަރައްގީކޮށް މަގުތަކުގައި ތާރު އަޅައި ހޮސްޕިޓަލެއް ހަދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.