ޚަބަރު

ފަސްޓް ލޭޑީ ސާޖިދާގެ ލިސްޓަކަށް ފްލެޓު ދޭން އުޅޭ ވާހަކަ ރައީސް ދޮގުކުރައްވައިފި

ފާތިމަތު ލިޔުޝާ

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓު ބަހަން އުޅެނީ އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ލިސްޓަކަށް ކަމަށް ފަތުރަމުން ގެންދާ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގައި މިއަދު ޕޯސްޓުކުރި ވީޑިއޯގައި މީހަކު ވަނީ ގޮތް ނޭނގޭ މީޑީޔާތަކުން މެޑަމް ސާޖިދާ އަތުގައި އޮތް ލިސްޓަށް ނުހައްގުން ގޯތި ނުވަތަ ފްލެޓް ދެމުންދާ ކަމަށް ތުހުމަތުކޮށް ފެރުތެމުންދާ ވާހަކައާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެއީ ވަރަށް ގިނަ މީހުންގެ މެދުގައި އުފެދިފައިވާ ސުވާލެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑުގެ ވިޔަސް އަދި އަޅުގަނޑުގެ އަންހެނުންވިޔަސް، އަދި އަޅުގަނޑުގެ ރައްޓެއްސެއްވިޔަސް، ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހެއްވިޔަސް، އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ނުފޫޒު ފޯރުވައިގެން މިސަރުކާރުންނެއް އެއްވެސް މީހެއްގެ ހައްގަކަށް ނާރާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ ފްލެޓެއްވިޔަސް އެހެން ކަހަލަ ހައްގެއް ނަމަވެސް އެ ހައްގަކުން މީހަކު މަހުރޫމް ކުރުމަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

"އެފަދަ ކަމެއް ކުރުމަކަށް އަޅުގަނޑު ޖާގައެއްވެސް ނުދޭނަން. އެހެންވީމަ ޔަގީންކުރަންވީ ކަމަކީ، ފްލެޓް ވިޔަސް ގޯތި ލިސްޓް ވިޔަސް އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ވިޔަސް މިކަން ކުރިއަށް ދާނީ އިންސާފުވެރިކަމާ އެކީގައި، ހަމަހަމަކަމާ އެކީގައި ދެފުއްފެންނަ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަކީ ކަމަކަށް ނުފޫޒު ފޯރުއްވައިގެން ކަންކަން ކުރިއަށް ގެންދަވާނެ ވެރިއެއް ނޫން ކަމަށާއި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިވަޑައިގެންފިނަމަ، އެމަނިކުފާނު އަމިއްލަފުޅަށް އެމީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެވާހަކަތަކަކީ ސަރުކާރާ މެދު ނަފުރަތު އުފައްދައި އާންމުންގެ މެދުގައި ސަރުކާރާ މެދު ނަފުރަތު އުފެއްދުމަށް ފަތުރާ ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ހައްގު ތެދުވެރިކަމާ އެކީގައި އަދާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.