ޚަބަރު

ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ. އަތޮޅަށް

އަލީ ޔާމިން

ތ. ގުރައިދޫން (އަލީ ޔާމީން، ވަން އޮންލައިން)

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް މިއަދު ހެނދުނު ފުރަތަމަ ވަޑައިގަންނަވަނީ މި ރަށަށެވެ. މި ރަށަކީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އެއް ރަށަކުން އެންމެ ބޮޑު ތާއީދެއް ދިން ރަށެވެ. މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ރަށުގެ އިތުރުން މި އަތޮޅު ދިޔަމިނގިލި، ގާދިއްފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ އަދި ކިނބިދޫއަށް ވަޑައިގަންނަވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، މި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރީންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.