ޚަބަރު

ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ނިހާން، މުންދު، ސުޖާއު އަދި ސައީދު ހޮވައިފި

މަރިޔަމް ޝަހުދާ

ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ)ގެ ނައިބު ރައީސްގެ މަގާމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު، ލަންކާގެ ކުރީގެ އެމްބެސަޑަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ހޮވައިފި އެވެ.

ޕީއެންސީގެ ނައިބު ރައީސުން ހޮވާފައި ވަނީ މިއަދު ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށް ދިޔަ ޕީއެންސީ ކޮންގްރެސްގައި ވޯޓަށް އެހުމަށް ފަހު، ކުރިމަތިލި 5 ބޭފުޅުންގެ މެދުގައި ވޯޓު ލައިގެންނެވެ. އެގޮތުން 173 ބޭފުޅުން ބައިވެރިވި މި ކޮންގްރެސްގައި އެންމެ ގިނަ ވޯޓު ލިބިފައިވަނީ ނިހާނަށެވެ.

ނިހާނަށް 126 ވޯޓު ލިބިގެން ޕީއެންސީގެ ނައިބުގެ މަގާމަށް އިންތިހާބުވެފައިވާ އިރު، މުންދު އަދި ސުޖާއު އިންތިހާބުވެފައި ވަނީ ކޮންމެ މީހަކަށް 122 ވޯޓު ލިބިގެންނެވެ. މީގެ އިތުރުން މުހައްމަދު ސައީދު އިންތިހާބުވެފައި ވަނީ 120 ވޯޓާއެކުއެވެ. ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންނެވި ފެނަކަ ކޯޕެރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލަށް ލިބިފައިވަނީ 39 ވޯޓެވެ.

މިއަދު ކުރިއަށް ދިޔަ ކޮންގްރެސްގައި ޕީއެންސީގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވޯޓަކާ ނުލައި އިންތިހާބުވެފައެވެ. ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ކައުންސިލަށް 20 ބޭފުޅަކު އިންތިހާބުކުރުމަށް ހަމަޖެހިފައިވެއެވެ. މިޕާޓީގެ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.