ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އަދި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވަވައިފި އެވެ.
ރައީސްގެ އަމިއްލަ ނަމުގަޔާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވަވާފައި ވަނީ އާދިއްތަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ލަންކާގެ ރައީސް ސިރިސޭނާ އަދި ބޮޑުވަޒީރު ރަނިލްއަށް ވަކިވަކިން ފޯނުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ދެ ބޭފުޅުންނަށް ގުޅުއްވައި ރައީސް ވަނީ ލަންކާގެ ސަލާމަތީ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހީން ތިއްބެވީ ލަންކާގެ ރައްޔިތުންނާއެކު ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ 329 އަށް އަރައިފައެވެ.