ޚަބަރު

އިތުރު 20 ރިސޯޓާއެކު 2800 އަށްވުރެ ގިނަ އެނދު މިއަހަރު މާކެޓަށް ނެރެން އަމާޒު ހިފައިފި

އިތުރު 20 ރިސޯޓާއެކު 2800 އަށްވުރެ ގިނަ އެނދު މިއަހަރު މާކެޓަށް ނެރެން ސަރުކާރުން އަމާޒު ހިފައިފިއެވެ.

މި އަހަރަށް މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި ސަރުކާރުގެ އަމާޒަކީ އާ 20 ރިސޯޓް ހުޅުވައި 2،857 އެނދު އުފެދިގެން ދިއުން ކަމަށެވެ.

އޭގެ އިތުރުން ނުހެދި ހުރި ރިސޯޓުތައް ނިންމަން ފުރުސަތު ފަހިކޮށްދީ، ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްގީ ކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ޓޫރިޒަމް ތަރައްގީ ކުރަން ދޫކޮށްފައިވާ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވާލެވެމުން. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ނުހެދި ހުރި ތަންތަން ތަރައްގީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްޓްމަންޓްތައް ރީ-ސްޓްރަކްޗާކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ. އަދި އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އެކުލަވާލައި އިފުތިތާހު ކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި ވިޒިޓާ އިކޮނޮމީ ކައުންސިލެއް އުފެއްދީ، ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކޮށް، ބައިނަލްއަގުވާމީ ބޮޑެތި މަހާސިންތާތަކާ ހަފުލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހަދަން މައިސް ޓޫރިޒަމް ތައާރަފު ކުރުމަށް ކަމަށެވެ.

އޭގެ އިތުރުން ތައުލީމީ ދާއިރާއާއި ސަގާފަތާއި ތަރިކައިގެ ދާއިރާއާއި ސިއްހީ ދާއިރާއާ ތިމާވެށީގެ ދާއިރާގެ ތެރެއިންވެސް ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަކީވެސް އެ ގައުމުގެ ބޭނުމެއް ކަމަށާއި މި ދައުރުގެ ތެރޭގައި އެ ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.