ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހިބަހާއި އިސްލާމް ކިޔަވައިދިނުން މިއަހަރު ފުޅާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް މި ދައުރުގެ ތެރޭގައި އަންނާނެ ކަމަށެވެ. އެގޮތުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި އިސްލާމް ކިޔަވައިދިނުން މި އަހަރު ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އޭގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ހުލްގު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އިލްމާއި ފޮތްކިޔުމަށް އޮތް ލޯބި އިތުރުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމުކުރައްވާނެ ކަމަށެވެ. އަދި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ގައުމިއްޔަތުގެ ނަމުގައި މާއްދާއެއް އުފައްދައި ކިޔަވައިދޭން ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ.