މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިންގުނަ އިތުރުކޮށްފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި އެގޮތުން އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި، ރިވެތި އަހުލާގާއި ސުލޫކު މުޖުތަމައުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އޭގެ އިތުރުން ދިވެހީންގެ އިޖުތިމާއީ ދިރިއުޅުމުގައި މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށާއި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އަލުން އުފައްދާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިންގުނަ އިތުރުކޮށްފިން. ސަރުކާރު ހިންގުމާ ހަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް ހަ މިސްކިތެއްގެ މަސައްކަތް ހަވާލުކޮށްފިން. ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައި. ހައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަގީރުން މި ދައުރުގައި އިރާދަކުރެއްވިއްޔާ ހައްޖުވުމުގެ ފުރުސަތު ސަރުކާރުގެ ހަރަދުގައި ދޭނަން. މިގޮތުން މި އަހަރުތެރޭގައި 50 ފަގީރުންނަށް މި ފުރުސަތު ދެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގާއިމުކޮށްފައިވާ ކަމަށާއި ކުރިއަށްއޮތް ރަމަޟާން މަސް ވާނީ، ދިވެހި ދައުލަތުގެ ފަރާތުން ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާދޭ ރަމަޟާން މަހަށް ކަމަށެވެ.
"އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ އަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިރާދަކުރެއްވިއްޔާ ވޭތިކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަމަޟާން މަހަަށްފަހު އަންނަ ފިތުރު އީދާއި އަދި އެނޫން އިސްލާމީ މުނާސަބާތަކާއި ގައުމީ މުނާސަބާތައްވެސް ދީނީ އަދި ގައުމީ ފުރިހަމަ ރޫހާ އުފާފާގަތިކަމާއި އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން ފާހަގަކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.